އިރުގެ ދޯދިން ވިޓަމިން ޑީ ލިބޭކަމީ މީގެ ކުރިންވެސް ހޯދިފައިވާ ހޯދުމެކެވެ. ނަމަވެސް އިރުގެ ދޯދިތަކުން ހަށިގަނޑަށް ވިޓަމިން ޑީ ލިބުމުގެ އިތުރުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ވެސް ދަށްކޮށްދޭކަމަށް ދިރާސާއަކުން މިހާރު ވަނީ ދައްކާފަ އެވެ.

ދުއިސައްތަ ފިރިހެނުން ބައިވެރިކޮށްގެން އިންޑިއާގެ ޕޫނޭގައި ހުންނަ ޖެހާންގީރު ހޮސްޕިޓަލާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޗިލްޑްރެންސް ހޮސްޕިޓަލް ގުޅިގެން ހެދި އެ ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން ހަ މަސް ދުވަހު އިރުގެ ދޯދިތައް ހޯދި މީހުންގެ ހަށިގަނޑުން ކޮލެސްޓްރޯލް ލެވެލް ދަށްވެފައިވާކަމަށް ވަނީ ދައްކާފަ އެވެ.

ހަށިގަނޑުން ވިޓަމިން ޑީ މަދުވުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. އެކަން އެގޮތަށްވަނީ އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުން ކަމުގައި ދިރާސާ ހެދުމުގައި ބައިވެރިވި ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ވިވޭކް ޕަތުވަރުދަން އަދި ޑރ. އަނޫރާދާ ކާދިލްކަރު ވިދާޅުވި އެވެ.

އެ ދިރާސާކުރި ޓީމުން އަންނަނީ އިރުގެ ދޯދިތަކުގެ ސަބަބުން ކޮލެސްޓްރޯލް ދަށްވާ މިންވަރު ދެނެގަތުމަށް ދުނިޔޭގެ ފެންވަރުގެ ބޮޑު ދިރާސާއެއް ކުރުމަށް ތައްޔާރު ވަމުންނެވެ.

ނަމަވެސް ކޮންމެ ކޮންމެ ވަގުތެއްގައި އިރުގެ ދޯދިތަކަށް އިންސާނުން ދީލާލުމަކީ ރައްކާތެރި ގޮތެއް ނޫންކަމުގައި ބައެއް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން އިރުގެ ދޯދިތަކަށް ހަށިގަނޑު ދީލާލަން އެންމެ ރަނގަޅީ ހެނދުނު ވަގުތުގައި ކަމަށާއި އަދި އެ ނޫން، މާ ބޮޑަށް ހޫނު ގަދަ ވަގުތުތަކުގައި އިރުގެ ދޯދިތައް ހަށިގަނޑަށް ލިބޭނަމަ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެހެން ކަމުން މިއޮތީ ހެނދުނު ހެނދުނާ ތެދުވެ ބޭަރަށް ނުކުމެލަންވީ އިތުރު ސަބަބެކެވެ.