ހެއްކާ ބެހޭ ގާނޫނު އިސްލާހުކޮށް، މަސްދަރު ހާމަކުރަން އެންގޭނީ ހަމައެކަނި ހައިކޯޓަށް ކަމަށް ކަނޑައަޅާ ބިލެއް ހުށައަޅަން ނޫސްވެރިން ތައްޔާރު ވެއްޖެ އެވެ.

މި ބިލު ފަރުމާކޮށްފައިވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އޮފް މޯލްޑިވްސް (އެމްއީޖީ) ގުޅިގެންނެވެ. މި ބިލަށް ހިޔާލު ހޯދުމަށް އެމްޖޭއޭއިން މިހާރުވަނީ އާއްމުކޮށް ހުޅުވާލާފަ އެވެ.

މިހާރު ބިލު ފަރުމާކޮށްފައިވާ ގޮތުން މަސްދަރު ހާމަކުރަން އެންގިދާނެ ކަމަށް ބަޔާންކޮށްފައިވާ ކުށްތަކަކީ:

1- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

2- ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން

3- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނުކުރުން

4- މުދަލަށް ބޮޑެތި ގެއްލުން ދިނުން

5- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން

6- އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިމަތިވުން

7- މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ދިނުން

8- އަސާސީ ހިދުމަތް މެދުކަނޑުވާލުން އެވެ.

ޑްރާފްޓްގައި ދެން ހިމެނޭ މުހިންމު އަނެއް ކަމަކީ، މަސްދަރު ހާމަކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ކޯޓުން ކަށަވަރުކުރަން ޖެހޭ ކަންކަން ބަޔާން ކުރުމެވެ.

ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރު ވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ނޫސްވެރިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި 158 ނޫސްވެރިއަކު އެކަމާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށައަޅާފައިވަނިކޮށް އެމަނިކުފާނުވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ. އަދި ސަރުކާރުންވަނީ އެ ބިލުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.