ބޮސްޓޮން (27 އޮގަސްޓް) - ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިންގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ޕެޓަންޓްއާ ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ފައިޒާއާއި އެކުންފުނީގެ ޕާޓްނަރު ބަޔޯއެންޓެކްގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް މޮޑާނާއިން ބުނެފި އެވެ.
މި ދައުވާއަކީ ދުނިޔޭގައި ކޮވިޑް ވެކްސިން އުފައްދާ އެންމެ ބޮޑު ދެ ކުންފުނީގެ ދެމެދުގައި ވަރަށް ވަރުގަަދަ ގާނޫނީ ކުރިމަތިލުންތަކެއް ފެށިގެންދާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
އެގޮތުން މޮޑާނާއިން ދައުވާ ކުރަނީ އެކުންފުނީގެ ފިކުރީ މުދާ ކަމުގައިވާ އެމްއާރުއެންއޭ ޓެކްނޮލޮޖީ ހައްގު ނޫން ގޮތުގައި ފައިޒާއާއި ބައޯންޓެކްއިން ބޭނުންކުރިކަމުގެ ދައުވާ އެވެ.
މޮޑާނާއިން އިތުރަށް ބުނީ އެމްއާރުއެންއޭ ޓެކްނޮލޮޖީއަކީ އެކުންފުނިން 2010 ވަނަ އަހަރުން ފެށިގެން ވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށާއި ބައޯންޓެކްއާއި ފައިޒާއިން ވަނީ މޮޑަނާގެ ހުއްދައަކާނުލާ އެކުންފުނިތަކުގެ ވެކްސިން ތައްޔާރުކުރުމުގައި އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްފައި ކަމަށެވެ.
ފައިޒާއާއި ބައޯންޓެކްގެ ވެކްސިން ބާޒާރުން ނަގަން ނުވަތަ ކުރިއަށް އޮތް ތަނުގައި ވިއްކުން މަނާކުރަން ބޭނުން ނުވާ ކަމަށް ބުނަމުން މޮޑާނާއިން ބުނީ އެކުންފުނިން ބޭނުންވަނީ ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ކަމަށެވެ.
"އެމްއާރުއެންއޭ ޓެކްނޮލޮޖީއަކީ ފާއިތުވި ދިހަ އަހަރު ތެރޭގައި އަހަރުމެން ވަރަށް މަސައްކަތުން އުފެއްދި ޓެކްނޮލޮޖީއެއް. މި ދައުވާއަކީ އެ ޓެކްނޮލޮޖީ ރައްކާތެރިކުރަން ކުރާ ދައުވާއެއް،" މޮޑާނާގެ ޗީފް އެގްޒެކެޓިވް ސްޓެފާން ބަންސެލް ވިދާޅުވި އެވެ.
އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފައިޒާއިން އުފެއްދި ކޯމިނަޓީ ވެކްސިން ވިއްކައިގެން 37 ބިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ލިބުނުއިރު، ހަމަ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮޑާނާއިން އުފެއްދި ސްޕައިކްވެކްސްއަށް ލިިބިފައިވަނީ 18 މިލިއަން އެމެރިކާ ޑޮލަރެވެ.