ޏ. ފުވައްމުލަކުގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކުށުގެ ދައުވާ ސާބިތުވެ، މިމަހުގެ ހަތްވަނަ ދުވަހު ދިހަ އަހަރަށް ޖަލު ހުކުމްކޮށްފައިވާ މީހަކު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ދެ އަންހެން ކުދިންނަށް އެކި ދުވަސްތަކުގެ މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ފުވައްމުލަކު، މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދު އަށެވެ.

ކަރެކްޝަންއިން ވަނީ ފަރުހާދުގެ ބަލިހާލަތު ހުރި ގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމާފަ އެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އޭނާގެ ޖަލު ހުކުމް ނިމޭނީ ޖުލައި 4، 2032 ގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭނާ ގޭބަންދަށް ބަދަލުކުރީ ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު ސޮއިކުރައްވައި ނެރުނު އޮފީސް އޮފް ދަ ކޮމިޝަނަރުގެ މެމޯއަކާ ގުޅިގެންނެވެ. ހުޅުމާލެ ޖަލުގައި ބަންދުކޮށްފައި ހުރި ފަރުހާދު ދޫކޮށްލިއިރު އެ މައްސަލާގައި ހުކުމްކުރި އަނެއް ދެ މީހުން ތިބީ ފުވައްމުލަކުގައި ބަންދުކޮށްފަ އެވެ.

ފަރުހާދު ގޭ ބަންދަށް ބަދަަލުކުރި ކަމުގެ ލިޔުން

ކަރެކްޝަންސް އިން ފަރުހާދު ދޫކޮށްލީ މާލެ ގެންދިއުމަށްފަހު އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރުހާދުގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވަނީ 14 އަހަރާއި 16 އަހަރުގެ ފުރާވަރު ދެ އަންހެން ކުދިންނަށެވެ.