އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އަލުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި އެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮންލައިން ކޮށެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އޭސީސީން މީގެ ކުރިން ބުނެފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެމައްސަލާގައި ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް މަހުލޫފްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.