ކުޅިވަރުގެ ރޮނގުން އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށާއި، ރަން ވަނަތައް ވެސް ބޭނުންވާ ކަމަށާއި އެކަމަކު އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށް ވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެވިފައި ނެތްކަމީ، ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ހެދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރު އަދި ހުޅުމާލެ ޓީޓީ ހޯލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރު ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޓްރެކްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ރާއްޖޭގައި އަދިއެއް ނެތް ކަމަށެވެ.

"އެކަމަކު ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ، ހަގީގަތަކީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން. ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުޅިވަރު ތަރައްގީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށްދިނުން ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ކުޅުންތެރިންނަށް ހޯދައިދިނުމާއި އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދޭން އޮތީ ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހެދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ހިމެނޭ ނޭޝަނަލް މާޝަލް އާރޓްސް ސެންޓަރު އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"ތިޔަބޭފުޅުން ވެސް ހަނދުމަފުޅު ހުންނާނެ، މި ސަރުކާރު އުފެދުނުތާ 24 ގަޑިއިރުވެސް ނުވަނީސް، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން، "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑު ޙަރަކާތްތަކެއް އަޅުގަނޑުމެން ބޭއްވިން. އާދެ، އަޅުގަނޑުމެން މި ސަރުކާރު ފެށީ، ދުޅަހެޔޮ ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތާ އެކުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ބައިނަލްއަގުވާމީ ބައެއް ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ދެންމެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވި ފަދައިން، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުން. އެ ފުރުސަތު ލިބޭތޯ، މިނިސްޓަރު މިހާރުވެސް އެބަ ގެންދަވާ މަސައްކަތް ކުރައްވަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ ކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަ ނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް ގޮސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވިފައެއް ނެތް. މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް، މާލެ ސަރަޙައްދުގައި ގާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިނިސްޓަރު ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްސީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވިފައެއް ނެތް. މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް، މާލެ ސަރަޙައްދުގައި ގާއިމުކުރުން.
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްގީކޮށްދީ، ކުޅުންތެރިން އުފައްދައިގެން ކަމަށެވެ. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދީގެން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން،" ރައީސް ވިދާޅުވި އެވެ.