މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުން، ރޭގަނޑު ހަ ގަޑިއިރަށް ވުރެ މަދުން ނިދާ ނަމަ ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ދެ ގުނަ އިތުރުކަމަށް ސައިންސްވެރިން ބުނެފި އެވެ.
މެޓަބޮލިކް ސިންޑްރޯމްގެ ތެރޭގައި ގިނަ ބަލިތަކެއް ހިމެނެ އެވެ. ލޭ މައްޗަށް ދިއުން، ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވުން، އުނަގަނޑުމަތީގައި މާ ގިނައިން މަސްޖަހާފައި ހުރުން، ކޮލެސްޓްރޯލް މަތިވުން އަދި ޓްރައިގްލިސަރައިޑް ލެވެލް މަތިވުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ދިރާސާތަކުން ދައްކާ ގޮތުން، މެޓަބޮލިކް ސިންޑްރޯމް ހުންނަ ހަ ގަޑިއިރަށް ވުރެ ގިނައިރު ނިދާ ނަމަ ސްޓްރޯކެއް ޖެހިގެން މަރުވުމުގެ ފުރުސަތު 1.49 ގުނަ އިތުރެވެ. ނަމަވެސް ހަ ގަޑިއިރަށް ވުރެ މަދުން ނިދާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 2.1 ގުނަ އިތުރުވެ އެވެ. މިފަދަ މީހުން ހިތުގެ މައްސަލައެއް ދިމާވެގެން ނުވަތަ ސްޓްރޯކެއް ޖެހިގެން މަރުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ނިންޖާ ނުވެ، ގިނައިރު ނިދާފައި ނޯވެވި އިރުއިރުކޮޅާ ހޭލެވޭ މީހުންގެ ތެރެއިން މެޓަބޮލިކް ސިންޑްރޯމްގެ ތެރޭގައި ހިމެނޭ ބައްޔެއް ހުންނަ މީހުންނަށް ވެސް އެފަދަ ބަލި ނުހުންނަ މީހުންނަށް ވުރެ މި ނުރައްކާ 1.99 ގުނަ އިތުރުވެ އެވެ.
މި ފަހަރުގެ ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި މާހިރުން ވިދާޅުވީ ހިތުގެ ބައްޔެއްގެ ނުރައްކާ ވެދާނެ އެއްވެސް ސިއްހީ މައްސަލައެއް ހުރި ނަމަ ނިދި ހަމަކުރަން ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. އަދި ނިދަން ދަތިވާ ނަމަ ޑޮކްޓަރަކާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ޖެހޭނެ އެވެ. އެއީ ހިތުގެ މައްސަލައެއް ނުވަތަ ސްޓްރޯކެއް ޖެހިގެން ކުއްލިއަކަށް މަރުވުމުގެ ފުރުސަތު އޮންނާތީ އެވެ.
ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސާސިއޭޝަންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރުމަށް، އެވްރެޖް އުމުރު 49 އަހަރުގެ 1،344 މީހަކު ނެގި އެވެ. މީގެ ތެރެއިން 42 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ. ސްލީޕް ލެބޯޓްރީގައި އެއް ރޭ މި މީހުން ބޭތިއްބި އެވެ
ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ބައިވެރިންގެ ތެރެއިން މަދުވެގެން 39.2 ޕަސެންޓް މީހުންގެ ތިން ރިކްސް ފެކްޓާއެއް އެންމެ މަދުވެގެން ހުއްޓެވެ. އެއީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 30 އަށް ވުރެ މަތީގައި ހުރުމާއި ކޮލެސްޓްރޯލް ލެވެލް މަތިވުން، ލޭގެ ޕްރެޝަރު މަތިވުން، ފާސްޓިން ބްލަޑް ޝުގާ އަދި ޓްރައިގްލިސަރައިޑް ލެވެލް މަތިވުން ފަދަ ކަންތައްތަކުގެ ތެރެއިން ތިން ކަމެކެވެ.
މި މީހުން ފޮލޯއަޕް ހަދަމުން ގެންދަނިކޮށް 16.6 އަހަރުގެ ތެރޭގައި ދިރާސާގެ ބައިވެރިންގެ ތެރެއިން 22 ޕަސެންޓް މީހުން ވަނީ މަރުވެފަ އެވެ.