އަންނަ ރިޔާސީ އިންތިހާބަށް ރަނިންމޭޓަކު އިހްތިޔާރު ކުރަން މާބޮޑު ދައްޗެއް ނެތް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރަނިންމޭޓަކު އިހުތިޔާރު ކުރައްވާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެކަމާ އަދި ގޮތްތަކެއް ނިންމަވާފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ އެހާ ދަތި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީތެރޭން ރަނިންމޭޓަކު ޗޫސް ކުރުމަކީ ދަތި ކަމެއް ނޫން ދެއްތޯ. އަޅުގަނޑަށް ޗޮއިސް ވަރަށް ތަނަވަސް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގައި ވަރަށް އިލްމީ ވަރަށް ގާބިލް ތަޖުރިބާ ހުރި އެތައް ބޭފުޅުންނެއް އެބަތިބި ލީޑާޝިޕްގެ އިސް ސަފުގައި. އެހެންވީމަ އަޅުގަނޑަށް އެއީ ހަމަ އޯވާ ނައިޓަކުންވެސް އަޅުގަނޑު ނިންމަން ބޭނުމިއްޔާ ނިންމި ދާނެ ކަމެއް. އެހާ ދުރުން ސާޗް ކޮށްގެން ރަނިންމޭޓަކު ހޯދަން ޖެހޭ ކަހަލަ ދަތި ހާލަކު ނޫން އަޅުގަނޑުމެންގެ ޕާޓީ މި އޮތީކީއެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެމްސީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާއެއްގައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓްވަނީ ހަވާލުކޮށްފަ އެވެ.