ކިވީ އަކީ ކާން ކިތަންމެ ފަސޭހަ މޭވާ އަކަށްވި ނަމަވެސް އޭގެ ތޮށިގަނޑަކީ ކާން އެހާ ފަސޭހަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ކިވީގެ ތޮށިގަނޑަކީވެސް ސިއްހަތަށް ފައިދާ ހުރި މުހިއްމު މާއްދާތަކަކުން މުއްސަނދިވެފައިވާ އެއްޗެކެވެ.

އެގޮތުން ކިވީގެ ތޮށިގަނޑުގައި އެކުލެވޭ މުހިއްމު އެއް މާއްދާއަކީ ފައިބާ އެވެ. ފައިބާ އަކީ ހަށިގަނޑަށް ޖެހޭ ތަފާތު ވައްތަރުގެ ކެންސަރުތަކުން ހަށިގަނޑު ދިފާއުކޮށްދޭ އަދި ހިތުގެ ބަލިތައް ޖެހުމުންވެސް ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

ހަމައެއާއެކު އެ މާއްދާއަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ، އަދި ބަނޑުގައި ހުންނަ ރަނގަޅު ޖަރާސީމުތަކަށް ވެސް ވަރަށް މުހިއްމު އެއްޗެކެވެ.

ފައިބާގެ އިތުރުން ފޮލޭޓާއި ވިޓަމިން އީ އަކީވެސް ކިވީގެ ތޮށިގަނޑުގައި އެކުލެވޭ މުހިއްމު މާއްދާ ތަކެކެވެ. އެގޮތުން ފޮލޭޓަށް ބަލާއިރު ފޮލޭޓަކީ ސެލްތަކުގެ ހެދިބޮޑުވުމާއި ސެލް ތަކުގެ ޑިވިޝަން އަށް ބޭނުންތެރި މާއްދާ އެކެވެ.

ވިޓަމިން އީ އަކީވެސް ބާރުގަދަ އެންޓިއޮކްސިޑެންޓު ޕްރޮޕަޓީތަކެއް އެކުލެވޭ، ހަށިގަނޑުގައިވާ ސެލްތައް ދުޅަހެޔޮކޮށްދޭ މާއްދާ އެކެވެ. ވިޓަމިން އީގެ އިތުރުން ވިޓަމިން ސީ އަކީވެސް ކިވީގެ ތޮށިގަނޑުގައި އެކުލެވޭ މާއްދާ އެކެވެ.

އެހެންކަމުން ކިވީއެކޭ އެއްފަދައިން ކިވީގެ ތޮށިގަނޑު ވެސް ކެއުން އާދަ ކުރާށެވެ.