ދަރިން ރަނގަޅަށް ތަރުބިއްޔަތުވަނީ ސްކޫލްގެ ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލައަކުން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އުމަރު ޒާހިރުގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން "މައުމޫނު ފައުންޑޭޝަނުން" ލިޔުނު ފޮތެއް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސްކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް ދަރިވަރުން ގައިގަ އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުންނެއް ނޫން ކަމަށެވެ.

"ސްކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް ދަރިވަރުން ގައިގަ އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުންނެއް ނޫން. ޖަހާފައި ހުންނަ މުއްޓަކުންނެއް ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލައަކުން ނޫން. އެ ސްކޫލެއްގެ ހާއްސަކޮށް ލީޑަރެއް ގައިގަ ހުންނަ މުހިއްމު ސިފަތަކެއްގެ ސަބަބުން." ފައިސަލް ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން އުމަރު ޒާހިރު މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވިއިރު ދަރިވަރުން ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކުރެއްވި ކަމަށާއި އެކަން ކުރެވުނީ ސްކޫލްގެ އިމާރާތް މާރީތި އިމާރާތަކަށް ވެގެން ކުރެވުނު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ނައިބު ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ހުޅުމާލޭގައި އިއްޔެ ހުޅުވި ކާމިލް ދީދީ ސްކޫލަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ. 23 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހެދި ސުކޫލަށް ފާޑުކިޔުން ބޮޑުވުމުން ސަރުކާރުން ވަނީ 23 މިލިއަން ހަރަދު ކުރަނީ ދެ ސުކޫލު އިމާރާތް ކުރުމަށް ކަމަށް ބުނެފަ އެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި ސިޠާސީ މަގާމު ތަކުގައި ތިބޭ ބޭފުޅުންވަނީ ސްކޫލްގެ ދިފާއުގައި ގިނަ ޓުވީޓުތަކެއް ކޮށްފަ އެވެ.