މާލޭގައި މިއަދު މިނީ ބަހުގެ ދަތުރުތައް ފަށައިފި އެވެ.

މި ހިދުމަތްތައް ފަށާފައިވަނީ މިއަދު ފަތިހު 05:45ގައެވެ. މިނީ ބަހުގެ ދަތުރުތައް ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ މާލޭގެ ތިން ރޫޓަކުން މިނީ ބަސް ދަތުރުކުރާނެ ކަމަށެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ކުރުމަށް ހަމަޖެހިފައިވަނީ ހިލެ އެވެ. އޭގެ ފަހުން 7 ރުފިޔާގެ ފީއެއް ނަގާނެ އެވެ.