ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދުގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އިސް މެޖިސްޓްރޭޓްގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އަހުމަދު ސައީދު އިސްތިއުފާ ދީފައި މިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދަނިކޮށެވެ. އޭނާއާ ދެކޮޅަށް ބަލަނީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް ޖޭއެސްސީ އަށް ހުށަހެޅި ޝަކުވާއެއްގެ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ހާމަކުރެ އެވެ.

ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ތަހްގީގު ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.