މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ގައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް އެމްޑީޕީގެ އަޣުލަބިއްޔަތުން ނިންމުމާގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެއްވެސް އަސާސެއް، މަގްބޫލު އުޒުރެއް ނެތި، ގައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް ރޫލިންގ ޕާޓީ (އެމް.ޑީ.ޕީ)ގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށެވެ.

އަދި ރޫލިންގ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ފާހަގަކޮށްފައިވެ އެވެ. . މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ކަމަށާއި ސުޕަރމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ހިޔާލުތަކަށް މަރުޙަބާ ކިޔާ މެންބަރުންނަށްވުމަށް ވުމަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި ގާނޫނުއަސާސީގެ ތިންވަނަ ބާބުން ލާޒިކުކުރާ ކަމެއްކަން ފާހަގަ ކޮށްފައިވެ އެވެ.

"ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމާއިއެކު ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭފަދަ ކަންކަމާއި ނިރުބަވެރި ޙަމަލާތަކުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކޮށް، ނޭޝަނަލް އިންޓެލިގެންސް ހަރުދަނާ ކުރުމާއެކު ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް އެހީތެރިވެދިނުމުގެ މަތިވެރި މަގްސަދުގައެވެ. އެބިލުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ގައުމީ ސަލާމަތާބެހޭ ކައުންސިލާއި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެފަރާތްތަކުގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާގުޅިގެން ކަންކަން ކުރާނެގޮތްތައް ހިމަނާފައިވާނެއެވެ." މި ސިޓީގައިވެ އެވެ.

މި ބިލު ރާއްޖޭގެ އެއްވެސް ގާނޫނަކާ ތަޢާރަޒެއް ނުވާ ކަމަށާއި ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަކަށް ފާހަގަ ކުރައްވާފައެއް ނުވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ބިލު ފާސްކުރިނަމަ ރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކޮށް، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި، ބޭރު ގައުމުތަކުގެ ސިޔާސީ، އިގްތިސާދީ، ޢަސްކަރީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވި އަދި ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓެލިޖެންސް މިހާރަށްވުރެ ހަރުދަނާ ކުރެވުނީސް ކަމަށް ވެސް ސިތީގައިވެ އެވެ.