އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ނުފޯޒު ފޯރުވާކަމަށް ބުނެ މަޖިލީހުގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ނުސީދާ ގޮތުން ވާހަކަފުޅު ދައްކަވައިފި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެނައުމަށް މަޖިލީހަށް ހުށައެޅިފައިވާ އިސްލާހުތަކާބެހޭ ގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދައްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުތަށް ސަރުކާރުގެ ބައެއް ނުފޫޒު ގަދަ ވަޒީރުންގެ ނުފޫޒާއެކު ބޭރުކޮށް ލާފައިވާ ކަމަށެވެ. އަދި އޭނާ ހުށަހެޅުއްވި ބައެއް އިސްލާހުތަކެއް ވެސް މަޖިލީހުގެ ބޭރުކޮށްލާފައިވާ ކަމަށެވެ.
"ޓޫރިޒަމްގެ ގާނޫނަށް ވަރަށް ބައިވަރު ރަނގަޅު އިސްލާހު އަޅުގަނޑުމެން ހުށަހެޅިން. އެހެން ނަމަވެސް މަޖިލިސް ތަޣައްޔަރުކޮށް، ކިލަނބު ކޮށްލުމަށް އެބަ ބަޔަކު މަސައްކަތް ކުރޭ. ސަރުކާރުގެ ތެރެއިން ސަރުކާރުގެ ސީނިއާ ވަޒީރުން ކަމަށް ހެދިގެން މި މަޖިލިސް ތެރެއަށް އަތް ބާނައިގެން މިކަހަލަ ކަންކަން ކުރުމަށް އެބަ މަސައްކަތް ކުރޭ، އަޅުގަނޑު އެފަރާތްތަކަށް ދަންނަވަން ނޫނެކޭ، މިމަޖިލިސް، މަޖިލިސްގެ ގޮތުގައި ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭށޭ،" ނުސީދާކޮށް ފައްޔާޒަށް ބަހުގެ ޙަމަލާ ރައްދުކުރެއްވައި އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މަޖިލިސްއަކީ ރަބަ ސްޓޭމްޕް ޖަހާތަނަކަށް ވެގެން ގޮސްފިކަމަށް ވަނީ ނަމަ ރައްޔިތުންނަކަށް ހިތްހަމަ ޖެހުމެއް އުފާވެރި ކަމެއްނެތް ކަމަށެވެ.
މި ބިލު ދަށުން އިންޓެގްރޭޓެޑް ޓޫރިޒަމްގެ ބާބުގައި ގިނަ ގަވައިދުތަކެއް ހަދަންޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، އެ ގަވައިދުތަކުގައި ކޮންމެ ހުންނަން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި އިސްލާހުތައް ވެސް ބަލައިގެންފައި ނުވާކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ފަރާތުން މި ޓޫރިޒަމް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ހުށައެޅިއްވީ ވެސް އާޒިމް އެވެ.
އެދުވަހު އޭނާ ވިދާޅުވީ މަޖިލީހުގައި އޭނާ ވާހަކަފުޅު ދައްކަވާނީ ދެ ތޮފި އަޅުއްވައިގެން ކަމަށެވެ. ބިލް ހުށާއެޅުއްވުމަށްފަހު ބިލާ ގުޅޭގޮތުން އާޒިމް ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި މި ބިލުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިއަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އިތުރު ކުންފުނިތަކެއް އަނެއްކާވެސް ހެދުމުގެ ފުރުސަތު ހުޅުވިގެން ދިއުން ހިމެނެ އެވެ.
އަނެއްކާވެސް އާ ކުންފުނިތަކެއް ހަދައިގެން މިކަން ކުރަން އުޅުމަކީ ގޯހެއްކަމަށާއި ރިސޯޓު ހިންގުމުގެބާރު ސަރުކާރަށް ނަގައިގެން އަނެއްކާވެސް ވައްކަން ކުރާނެ މަގެއް ހޯދަން އުޅެނީ ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.
މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭ ވަރަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންގެ ތާއީދު ވަނީ ނުލިބިފަ އެވެ.
ފައްޔާޒަކީ ރައީސް ސާލިޙު އެންމެ އިތުބާރުކުރައްވާ އެއް ވަޒީރެވެ.