ފޭރަކީ އަހަރުމެންގެ ތެރެއިން ގިނަ ދިވެހިންނަށް ވެސް ވަރަށް ކަމުދާ މޭވާ އެކެވެ. ނަމަވެސް ގިނަފަހަރަށް މި މޭވާ ކެވޭއިރު ވެސް އެއިން ލިބޭ ސިއްހީ ފައިދާތައް މީހުންނަށް ހުންނަނީ ނޭނގި އެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން، ޕްރޮޓީން، މިނަރަލް އަދި ފައިބާ ހިމެނެ އެވެ. އާފަލު ނުވަތަ މޭބިސްކަދުރާ އަޅާކިޔާއިރު ފޭރުގައި ހަކުރު ހިމެނެނީ ވަރަށް މަދުންނެވެ. ޑައިޓުގައި އުޅުއްވާ ބޭފުޅުންނަށާއި ބަރުދަން ލުއި ކުރަން މަސައްކަތްކުރާ ފަރާތްތަކަށް ފޭރަކީ ރަނގަޅު މޭވާ އެކެވެ.

އޭގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނަށް ފޭރަކީ ރަނގަޅު ބޭހެކެވެ. ފޭރުގައި ހިމެނޭ ފައިބާގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކޮށްދެ އެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ވިޓަމިން އޭ ހިމެނެ އެވެ. އެހެންކަމުން ފޭރު ވެފައިވަނީ ލޮލުގެ މައްސަލަތައް ހުންނަ ބޭފުޅުންނަށް ވަރަށް ރަނގަޅު މޭވާ އަކަށެވެ.

އަދި މީގެ އިތުރުން ކެންސަރު ފަދަ ނުރައްވާތެރި ބަލިތަކުން ރައްކާތެރިވެ ތިބުމަ ވެސް ފޭރަކީ ފައިދާހުރި މޭވާ އެކެވެ. ހާއްސަކޮށް އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ އެންޓިއޮކްސިޓެންޑްސް އެހީތެރިވެދެ އެވެ.

އެއާއެކު ހަންގަނޑު ރީތި ކުރުމަށާއި ހަންގަނޑުގެ އެކި ބަލިތަކުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ ވިޓަމިން އޭ، ބީ، ސީ އަދި ޕްޓޭސިއަމް އެހީތެރިވެދެ އެވެ.

ފޭރަކީ ލޭމައްޗަށް ދާ ފަރާތްތަކުން ކެއުމުގައި ހިމެނުމަށް އެއްވަނައިގެ މޭވާއެކެވެ. ފޭރުގައި ހިމެނޭ ހައިޕޮގްލާސީމެކް ކިޔާ މާއްދާއެއްގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓާ ދިނުމަށް އެހީތެރިވެދެ އެވެ.

ފޭރުގައި ހިމެނޭ ވިޓަމިން ބީ3 އަދި ބީ6 ގެ ސަބަބުން ސިކުނޑިއާއި ނާރުގެ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދެ އެވެ. އެގޮތުން ވިޓަމިން ބީ3އިން ލޭ ދައުރު ކުރުމަށް ފެސޭހަ ކޮށްދޭއިރު ވިޓަމިން ބީ6 އަކީ ވިސްނުން ތޫނު ކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން ވެސް ފޭރުން ލިބޭ އެތައް ފައިދާތަކެއްވެ އެވެ. ދަތުގެ މައްސަލަހުންނަ ކުދިންނަށް ފޭރު ފަތަކީ ރަގަނޅު ފަރުވާ އެކެވެ. މިއީ އަނގައަށް މީރު ސިއްހީ ފައިދާތަކުން ފުރިގެންވާ މޭވާ އެކެވެ.