އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ރީތި ކަމަށް ބަލާފައި ވެސް ގިނަ މީހުންގެ ވޯޓު ލިބޭނެ ކަމަށް އެމްޑީއޭއިން ބުނެފި އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ ސިޔާމް އަކީ ވަރަށް ރީތި ޒުވާން ބޭފުޅެއް ކަމަށާއި މީހުން ރީތިކަމަށްވެސް ވޯޓްދޭ ކަމަށެވެ. މައުރޫފް ވިދާޅުވި ގޮތުގައި، ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި ސިޔާމަށް ވުރެ "ޒުވާން، ރީތި، ސްމާޓް" ބޭފުޅެއް ނެތެވެ. އަދި އެއީ އެ ޕާޓީއަށް ވޯޓު ލިބޭނެ "ޕްލަސް ޕޮއިންޓެއް"ގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރު ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި އެ ހުރިހާ ވޯޓެއް ލިބިގެން ދިޔައީ ހަސަން ސައީދުގެ ރީތިވީމި ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި ވެސް އެތައް އަންހެން ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓު ދިނީ ރީތި ކަމުންނޭ. އެހެންވެ، އަޅުގަނޑުމެންނަށް އެބަ އެނގޭ އެމެރިކާގައި ބިލް ކްލިންޓަންއަށް ވެސް، އޮބާމާއަށް ވެސް، ވޯޓުގެ ވަކި ޕަސެންޓެއް އޭނާގެ ރީތިކަމަށް އެބަ ލިބޭކަން." މައުރޫފް ވިދާޅުވި އެވެ.

އަންނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށް ސިޔާމް އަންނަނީ އޭނާގެ ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

މައުރޫފް މިހެން ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކުދަނީ އެވާހަކަތަކަށް ފާޑު ކިޔަމުންނެވެ.