އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިޙާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަކީ، ރިޝްވަތު ހިފުމުގެ ދައުވާ، މަނީ ލޯންޑަރިންގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުނު ކަމުގެ ދެ ދައުވާއެއް އަދި ރިޝްވަތުގައި ހިފުމުގެ ދެ ދައުވާ އެކެވެ.

މި ދައުވާތަކަށް ނިހާނު ވަނީ ހުރިހާ ދައުވާއަކަށް އިންކާރު ކުރައްވާފަ އެވެ.

މާދަމާ ނިހާނުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ގައި އެވެ. މި ޝަރިއަތުގައި އޮންނާނީ ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހެޅުމެވެ. އަދި އެ ތުހުމަތުތަކުން ދިފާއުވާން، ނިހާންްއަށްވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ކުރިއަށް ޝަރީއަތުގެ އަޑުއެހުމެއްގައި ލިބޭނެ އެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ވަނީ ނިންމާފައެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް ކުރަނީ، އޭނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ނައިބު ރައީސް ކަމަށްވާ އަހުމަދު އަދީބު މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެންގެވި ކަމަށް ތުހުމަތުކޮށްގެންނެވެ. އަދި މީގެ ތެރޭގަައި އޭނާ ހޯދިކަމަށް ބުނާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އެ މައްސަލައިގައި ދައުލަތުން އެދިފައިވެ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާނަމަ، 36 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.