ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކް (ސަމަރޭ) އާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑްގައި، އެ ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަމަރޭ އާއި ޒާހިދާގެ އާއިލާއާ ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސަމަރޭ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރޭޑިއޯ މޯލްޑިވްސްގައެވެ. އެތަނުގައި މަސައްކަތް ކުރެއްވީ ވަގުތީ މުވައްޒަފެއްގެ ގޮތުގައެވެ. އެތަނުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1974ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އޭގެކުރިން އުޅުއްވީ ތައުލީމީ ދާއިރާގަ އެވެ.

ރޭޑިއޯގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ރޭޑިއޯގެ ދާއިމީ މުއައްޒަފަކަށް ބަދަލުވެ، 1976 ވަނަ އަހަރުންް ފެށިގެން، ރޭޑިއޯ ބްރޯޑްކާސްޓިން އާ ގުޅޭ ތަފާތު ކުރު ކޯސްތައް ފުރިހަމަކުރެއްވިއެވެ. އަދި ފަހުން އިނގިރޭސިވިލާތާއި، އެމެރިކާއިން ވެސް، މަސައްކަތާ ގުޅޭ ކުރު ކޯސްތައް އޭނާ ފުރިހަމަކުރެއްވި އެވެ.

ރޭޑިއޯގެ ޚިދުމަތާ ރަސްމީކޮށް އޭނާ ގުޅިވަޑައިގަތީ 1976 ވަނަ އަހަރުން ފެށިގެންނެވެ. ސަމަރޭގެ ވަނީ އެތަނުގެ އެނައުންސަރުންނަށް އިތުރު ތަމްރީނުތައް ދެއްވައި ރޭޑިއޯގެ ޕްރޮގްރާމަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފަ އެވެ.

އަލްމަރުހޫމާ ޒާހިދާ އިބްރާހިމް ބްރޯޑްކާސްޓިން ދާއިރާއާ ގުޅިވަޑައިގަތީ 50ހަކަށް އަހަރު ކުރިން 1968 ވަނަ އަހަރުއެވެ.

ޒާހިދާއްތަ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވިއެވެ. އޭނާ 2008 ވަނަ އަހަރުގެ އެޕްރީލް 20 ގައި ދިވެހިރާއްޖޭގެ އަޑުން ވަކިވެވަޑައިގެންނެވިއިރު އަދާކުރައްވަމުން ގެންދެވީ އެތަނުގެ ޑިރެކްޓަރެއްގެ މަގާމެވެ.

އޭގެފަހުން އަހަރަކަށް ވުރެ ގިނަ ދުވަހު ސަންއެފްއެމް ގައިި ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމް އަދާކުރެއްވި އެވެ.

ޒާހިދާއްތަ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު އުމުރުފުޅަކީ 57 އަހަރެވެ.