ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލަރެންސް ސިޔާސަތައް ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ނަމަވެސް ވެރިކަން ނިމުމަކާ ގާތްވެފައިވާއިރު ކޮރަޕްޝަންގެ މައްސަލަތަކާ ދޭތެރޭ އަމަލުކުރަމުންދާ ގޮތާމެދު މާބޮޑު ތަފާތެއް ނުފެންނަ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަ ނުސްވެރިއަކު ސުވާލުކުރި އެވެ. އެހެންކަމުން ޒީރޯ ޓޮލަރެންސުން ފެނުނު ނަތީޖާއަކީ ކޮބައިތޯއާއި އެކަން ތަންފީޒު ނުކުރެވެނީ ކީއްވެތޯ ސުވާލުކުރުމުން މިއުވާން ވިދާޅުވީ ޒީރޯ ޓޮލަރެންސް ސިޔާސަތަށް އަދިވެސް އަމަލުކުރަމުންދާ ކަމަށާއި އެ ސިޔާސަތައް ބަދަލު ނާންނަ ކަމަށެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް އޮންނަ މެކޭނިޒަމްތަކުގެ ތެރެއިން ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ މައްސަލަ ސާބިތުވެއްޖެ ބޭފުޅަކު، އަދި މައްސަލަ މިވަގުތު އިދާރާއެއްގައި ހިނގަމުންދާ އެއްވެސް ބޭފުޅަކު ވެސް ސަރުކާރުގެ ކުންފުނިތަކުގެ މަގާމެއްގައި ނުހުންނާނެ ކަމަށެވެ. އަދި މަގާމެއްގައި ހުއްޓާވެސް މައްސަލަ ސާބިތުވެއްޖެ ނަމަ އެބޭފުޅަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ނަމަވެސް މިހާރުވެސް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އޮތީ ދައުވާކޮށް އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.