އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގަތުމާއި ވިއްކުން ހުއްޓުވުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ޝިއުނާ ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބުގައި ރިޝްވަތުގެ މުއާމަލާތްކުރާނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ވޯޓު ގަތުމާއި ވިއްކުމާމެދު ވޯޓުލާން ތިބި އާންމުން ވެސް ސަމާލުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޝިއުނާ ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ އަދި ދުއާކުރައްވަނީ ދިވެހި މުޖުތަމައަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުޖުތަމައެއް ކަމަށްވުމާއި، މި މުޖުތަމައުގައި އުޅޭ ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މީހުންނަށް ހެޔޮ ވިސްނުން ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަގާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމަކީ އަމާޒެއް ކަމަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19އާ ގުޅިގެން ފަސްކުރުމަށްވަނީ ނިންމާފަ އެވެ. ކައުންސިލް އިންތިޚާބު އޮންނާނީ ދެން އަންނަ މާޗް މަހު އެވެ. އެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބެވޭ ގޮތަށް ގާނޫނެއް ވަނީ ހަދައިފަ އެވެ.

ކައުންސިލް އިންތިޚާބުގައި 2،297 މީހުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 1،7779 މީހުން ވާދަކުރާނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތައް އިޝާރާތް ކުރައްވާ ޝިއުނާ ވިދާޅުވީ ހުރިހާ ފަރާތްތަކަކުން ވެސް ނަޒާހަތްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ

"އިގުތިސާދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން ފަދަ މުހިންމު ކަމަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ތަފާތު އެކި ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމާ މެދު މިއަދު ވިސްނާ ފިކުރުކުރަންޖެހެ އެވެ. އެފަދަ ޢަމަލުތަކުން ކޮންމެ މީހަކުމެ ދުރުހެލިވާންޖެހެ އެވެ. ނަޒާހަތްތެރިކަން އިސްކުރަންޖެހެ އެވެ." އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ބަލިމަޑުކަމުގެ ދުވަސްވަރުވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކޮރަޕްޝަނުގެ ސަބަބުން، މިފަދަ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ މިންވަރު ކަމަށެވެ. އަދި ކޮރަޕްޝަނަށް ގެއްލިފައިވާ އަދި ގެއްލެމުންދާ ފައިސާ އަކީ މިފަދަ ބަލިމަޑުކަމެއް އޮތް ޙާލަތެއްގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުނުކުރެވި، އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބި އެތައް ރައްޔިތުންނެއްގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ޙާލަތް މެދުވެރިކުރުވާ މައިގަނޑު އެއްސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ ޙާލަތަކުން އަރައިގަތުމަށްޓަ ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ، ކޮރަޕްޝަން ހުއްޓުވުމަށްޓަކާ ނިޒާމީ ބަދަލު ތަކެއް ގެންނަންޖެހެއެވެ." ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ނުޖެހޭކަމެވެ.

"ސިއްހީ ނިޒާމަށް އެކަށީގެންނުވާ މިންވަރަށް މުޖުތަމައުގެ އާންމު ޙާލަތު ގޮސްދާނެކަމުގެ ބިރު ހީވެފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކޮރަޕްޝަނުގެ ޙާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން އިންވެސްޓްމަންޓްތައް ކުރަމުންގެންދާއިރު، ޙާލަތުގެ ގޮތުން، އިމަރޖެންސީ ޕްރޮކިއުމެންޓް މަރުޙަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަމުގައި ދެކެމެވެ." ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ޙާލަތެއްގެ ނާޖާއިޒު ފައިދާ ނަގައި، ނުޙައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުން ވެސް ހަނދާންކުރަންޖޭ ކަމަށެވެ.