ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރި އަމުރު ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލްގެ މެމްބަރު ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ހައި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ޝަހީބްގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޝަހީބާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށާއި ފުލުހުންނާއި ހެކިންގެ ބަޔާންތަކާއި އިންޓެލިޖެންސް ރިޕޯޓްތަކާއި ފޯން ކޯލް ރިޕޯޓްތަކަށް ބަލާއިރު ޝަހީބްގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހައި ކޯޓުން އޭނާ ބަންދުކުރަން އެންގީ އެ ހެކިތަކަށް ރިއާޔަތްކޮށް ކަމަށްވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިއްތިފާގުންނެވެ.

ޝަހީބާ އެކު އެ މައްސަލާގައި އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ