ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ޖޭއެސްސީން ބުނިގޮތުގައި ގާޒީ އަލީ އަބްދުﷲއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކީ، އަވަހަށް ބަލައި ނިންމަން ޖެހޭ ބާވަތުގެ މައްސަލަތައް، އަވަހަށް ބެލުމުގެ ބަދަލުގައި ފަސްކޮށް، އެ މައްސަލަތައް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާތީ ބެލެވޭ މައްސަލައެކެވެ.

ގާޒީ އަލީ އަބްދުﷲ އެފަދައިން އަމަލުކުރުމަކީ، އެއީ ފަރުވާކުޑަކަމުގެ އަމަލެއްގެ ގޮތުގައި އެ ކޮމިޝަނުން ދެކެ އެވެ.

އެގޮތުން ޖޭއެސްސީން ވަނީ އެ ގަޟިއްޔާ ބަލަމުންދާ ގާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ފެންނަކަމަށް ނިންމައި، އެ މަސައްކަތް ކުރުމަށް ކޮމިޓީއަކާއި ހަވާލުކުރުމަށް ނިންމާފައިކަން ހާމަކޮށްފަ އެވެ.

މީގެ ކުރިން ވެސް ގާޒީ އަލީ އަބްދުﷲގެ މައްސަލައެއް ޖޭއެސްސީން ބަލާފައި ވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ގާޒީ އަލީ އަބްދުﷲއާ ފިޔަވަޅު އަޅާފައިވާއިރު، އޭނާ އާއިމެދު އެޅި ފިޔަވަޅަކީ ނަސޭހަަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.