އިންޑިއާ އައުޓްވަނީ ހިތުގައި ބިންވަޅު ނެގިފައި ކަމަށާއި ގޭގައި ދަމާފައިހުރި އިންޑިއާ އައުޓް ބެނާ ނެގިޔަސް ހިތުން އެކަން ނުގެންދެވޭނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ކުޑަހުވަދޫގައި ބޭއްވި ކުޑަހުވަދޫވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ގޭގައި އިންޑިއާ އައުޓް ޖަހާފައި ހުރި ބެނާ ނެގުމަކުން، ހިތުގައި ބިންވަޅު ނެގިފައިވާ އިންޑިއާ އައުޓްގެ ޝިއާރު ނުގެންދެވޭނެ ކަމަށެވެ. އެއްވެސް ބޭރު ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެ ތިބުމަކީ ނަފްރަތު ކުރައްވާ ކަމެއް ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިތުގައި އޮތް އަޒުމަށް ބަދަލު ނާންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ތި ގަރާރުތަކުން ތިކަންތައްތައް ކުރައްވާށޭ، އެކަމަކު އަޅުގަނޑުމެން ހިތުގައި މި އޮންނަ ދިވެހިރާއްޖެ ދެކެ ވާ ލޯތްބަކަށް ދެވަނަ ދަރަޖަ ދެވޭނެ ގޮތެއް ނުހެދޭނޭ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމަކީ އަޅުގަނޑުމެން ނަފްރަތު ކުރާ ކަމެއް، އިންޑިޔާ އަސްކަރިއްޔާ ޖެހޭނީ ފައިބަން" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު އެ ހަރަކާތް އިތުރަށް ވަރުގަދަކުރި އެވެ. ނަމަވެސް ރައީސް ނެރުއްވި ގަރާރާއެކު އެ ހަރަކާތް މިވަގުތު އޮތީ މަޑުޖެހިފަ އެވެ.