ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ފަށައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ޖޭއެސްސީއާއި ސުޕްރީމް ކޯޓުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާކަމަށެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އޭޖީ ބުންޏެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެ މަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފައެވެ.