ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒުހާންގެ ފޯނު ފެނިފައިވާ ކަމަށާއި އޭނާ މަރާލައިފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އަޒުހާންގެ މަރާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި އަޒުހާންގެ ފޯނު ފެނުނު ކަމަށް ބުނި ނަމަވެސް ފޯނު ފެނުނު ތަނެއް ބުނެފައެއް ނުވެ އެވެ.

އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އަޒުހާނު ފޯނު ނަމްބަރުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. ނަމަވެސް ސިގްނަލް އެންމެ ފަހުން ލިބުނު ތާރީޚެއް ފުލުހުން ނުބުނެ އެވެ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ އެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުން ކަމަށެވެ.

ފުލުހުންނަށް އެ ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފަ އެވެ.

އެ ހަށިގަނޑު ވަޅުލައި، ނުވަތަ ނައްތާލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.