ރާއްޖޭގައި ކެސީނޯ އެޅުމާގުޅޭގޮތުން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ތާއީދުކޮށްފި އެވެ.
އެ ދެބޭފުޅުން މިކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ކުރެއްވީ ރާއްޖެގައި ވަރަށް ހައި ކްލާސް ޓޫރިޒަމްއެއްގައި އޮންނަ އިރު ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސީނޯތައް ހިންގަން ބޭނުންވާ ކަމަށާއި އަދި އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އެވެ.
އެ ސުވާލަށް މަހުލޫފް ޖަވާބު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ކެސީނޯ ލައިސަންސް ދިނުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވަރަށް ގިނައިން ސުވާލު އަންނަ ކަމަށެވެ.ނަމަވެސް ކެސީނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނަމަވެސް ސާފު ގަވައިދުތަކެއް ނެތުމުން ރިސޯޓްތަކަށް މި މަސައްކަތް ނުކުރެވި އެ ހިދުމަތް ނުދެވި ވާ ކަމަަށް ތަކުރާރުކޮށް މެމްބަރުން ފާހަގަ ކުރައްވާ" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންކަން. އެ ވާހަކަ އެބަ ދެއްކެން ޖެހޭ ސޮސައިޓީގެ ތެރޭގައި. އޭރުންތާ އެނގޭނީ ރަނގަޅާ ނުބަޔާ" ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ ކެސީނޯ ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކިޔަސް އުޅެން ޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްލާނެ ޖާގައެއް ވެސް ނުލިބޭ ކަމަށެވެ.