މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ބަންދުކުރުމުން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) ގެއްލުންވާނެ ކަމަށް ލަފާ ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރުގެ ނައިބު އަސްއަދު ރިޒާ ވިދާޅުވީ މާލެ ސަރަހައްދުގައި 200 އަށްވުރެ ގިނަ ގެސްޓުހައުސް އެބަހުރި ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް 70 ޕަސެންޓް އޮކިއުޕެންސީގައި މުޅި އަހަރު ގެސްޓު ހައުސްތައް ހިންގި ކަމަށެވެ. އެތަންތަނުން މަހަކު އެވްރޭޖްކޮށް ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަންބަރަށް ބަލާއިރު މަހަކު އާމްދަނީގެ ގޮތުގައި ދެ މިލިއަން ޑޮލަރާއި ގާތަށް، ހަމައެކަނި ގެސްޓު ހައުސްތަކުގެ އެވެރޭޖް ރޫމް ރޭޓުގަ، އަޅުގަނޑުމެން ބަލާލިއިރު ވިޔަފާރި ގެއްލިފަ އެބަހުރި. ދެން މިދިޔައީ ނުވަ މަސް. ގާތްގަނޑަކަށް 20 މިލިއަން ޑޮލަރާއި ގާތަށް ގެއްލުންވެފައި މިވަނީ. ދެން މީގެ ތެރެއިން ބޮޑު އަދަދެއް ދައުލަތަށް ޓެކްސްގެ ގޮތުގައި ވަދޭ. އެވެސް ގެއްލިގެން ދިޔައީ. ގިނަ ބައެއް ވަޒީފާވެސް ގެއްލިގެން ދިޔައީ،" އަސްއަދު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް މާ ބޮޑު ލުޔެއް ނުދެވޭ ކަމަށެވެ. އަދި ރިސޯޓުތަކުގެ ބިމު ކުލި އަކީ ސަރުކާރަށް ދައްކަން ޖެހޭ އެއްޗެއް ކަމުން ބިމު ކުލި ފަސް ކޮށްދެވުނު ކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގެ ހުރިހާ ގިނަ ގެސްޓުހައުސްތަކަކީ ބޮޑު އަދަދުން ކުލި ދައްކަން ޖެހޭ ތަންތަން ކަމަށްވެފައި، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ކުއްޔަށްވުމުން ސަރުކާރުން އެކަންކަމުގެ މާ ބޮޑު އެހީތެރިކަމެއް ދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފަ އެވެ. އަދި މާލެ ސަރަހައްދުގައި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ފަތުރުވެރިން ދިއުމާ ގުޅޭ އިތުރު ގައިޑް ލައިން އެއްވެސް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.