މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރި އާއިލާތައް ވަނީ ކަންމަތީ ފިހާރަތަކަށް ދަރާފައި ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފި އެވެ.

ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި އާއިލާތައް ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރި ވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އަދި މަސްވެރި އާއިލާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްވެރިންގެ އެހީތެރިކަން ލިބޭ ދިވެހި އެތައް އާއިލާތަކެއް ނިކަމެތިވެ ހާލުގައި ޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކު މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް، ސަރުކާރަށް ދެ އަހަރު ވީއިރު މަސްވެރިން އިތުރަށް ނިކަމެތިވެފައިވާ ކަމަށް ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވައުދުވި ގޭދޮށު މަސްފެކްޓްރީ މިހާތަނަށް ގާއިމްވެފައިނުވާއިރު މަސްވެރިންގެ ޕްލެޓްފޯމް ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާއަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރެވެ." އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން މަސްވެރިންގެ ގޮވާލުންތަކަށް އިޖާބަދީ، ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުން އަވަސް ކުރުމަށް ޕީޕީއެމް، ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.