ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާމެދު ސުވާލު އުފައްދައި ދޮގު ހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން އާ ހެކިތަކެއް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގައި ބުނެފައި ވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.

މި މައްސަލާގައި ހެކިންގެ ހެކިބަސް ނިމިފައިވަނިކޮށް ދައުލަތުން ވަނީ މިއަދު ބޭއްވި އަޑުއެހުމަށް ދިފާއީ ބައެއް ހެކިވެރިން ދޮގު ހެކިބަސް ދީފައިވާކަން ސާބިތުކުރުމަށް އާ ހެކިތަކެއް ހުށަހަޅާފަ އެވެ.

ދައުލަތުގެ ފަރާތުން ހެކި ހުށަހަޅަމުން ބުނީ މި މައްސަލާގައި ދިފާއުން ހެކިހުށަހެޅިއިރު ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށް ވެސް އެ ސަބަބުތަކާ ދެކޮޅަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ މުއާމަލާތާ ގުޅޭ ބައެއް ކަންކަން ކުރިއަށްދިޔަ އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެ ކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައި ވާތީ އެކަން ނަފީކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށަހަޅާފަ އެވެ. އަދި އެ މައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑު ވެސް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ހެކިބަސް ނަގާ ނިމުނުފަހުން ދައުލަތުން ހެކިތަކެއް ހުށަހެޅުމާ ގުޅިގެން ދިފާއީ ވަކީލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ދައުލަތުން ހެކި ހުށަހަޅަންޖެހޭނީ ދައުވާ ފޯމާއި އެކުގައި ކަމަށާއި، ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ހެކި ހުށަނޭޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ހެކިތައް ކުރިން ހުށަނޭޅީ ދިފާއީ ހެކިންގެ މައުލޫމާތު ދައުލަތުން ކޯޓަށް އެ މައްސަލަ ފޮނުވިއިރު ނޭނގޭތީ ކަމަށެވެ. މި މަރުހަލާގައި ވެސް ހެކި ހުށަހެޅޭނެކަން ޖިނާއީ އިޖުރާތު ގާނޫނުގައި ބުނެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މިއަދުގެ އަޑު އެހުމުގައި ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު މިމައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.