ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައިގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްޖުން ކަޕޫރު ފެނިގެންދާނެ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމަކީ "ޕުޝްޕާ" އެވެ. އަދި އެ ފިލްމު ރިލީޒްވުމާ އެކު ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ލިބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުޕާހިޓަކަށް ފިލްމުވި އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ޕުޝްޕާ ފިލްމުގެ ދެވަނަ ބައިވެސް ނެރުމަށް ނިންމާފަ އެވެ. ފިލްމުގެ ދެވަނަ ބަޔަށް އާންމުން އިންތިޒާރު ކުރަމުންދާއިރު، ފިލްމުގައި އަރްޖުން ކަޕޫރު ވެސް ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާނެކަމަށް ސޯޝަލްމީޑިއާގައި ހަބަރުފެތުރިފައިވެ އެވެ.

މިކަން ޔަގީންކުރުމަށް އާންމުން ސޯޝަލްމީޑިއާގައި އެކި ވާހަކަތައް ދެއްކި ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރ ނަވީން ޔެރްނާނީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަވީން ބުނިގޮތުގައި އެ ރޯލު ކުޅެނީ ފަހާދް ފާސިލް އެވެ.

ޕުޝްޕާގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އިންޑިއާގެ ފަސް ބަހަކުން އެ ފިލްމު ވަނީ ރިލީޒްކޮށްފަ އެވެ. އެގޮތުން ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހުން އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ.