ފެހި ތަރުކާރީއާއި ފަތްޕިލާވެލި އާދަކޮށް ކެއުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ ކިތަންމެ ސިއްހަތަށް ރަނގަޅު ނަމަވެސް އޭގެ ރަހަތަކަކަކީ މީހުން އެހާ ގަޔާވާ ރަހަތަކަކަށް ނުވުމެވެ.

ހެނދުނުގެ ނާސްތާ

ހެނދުނު ނާސްތާއަށް ތައްޔާރު ކުރާ ބިސްގަނޑާއި ޕޭން ކޭކު، ސޭންޑުވިޗު، އަދި އެފަދަ ފިހެގެން ތައްޔާރު ކުރާ އެއްޗިއްސަށްވެސް ފެހި ފަތާއި ތަރުކާރީ އެއްކޮށްލައިގެން ކެވިދާނެ އެވެ. އެއީ ޔަގީނުންވެސް ފަސޭހަކަމާއެކު، ފެހި ބަވަތްތައް ކެއުމުގައި ބޭނުން ކުރެވިދާނެ ބުއްދިވެރި ގޮތެކެވެ.

ޖޫސްތަކާއި އިތުރު ބުއިންތައް

ފެހި ފަތާއި ތަރުކާރީ ކާން އުނދަގޫ ނަމަ، އޭގެއިން ސުމޫތީއެއް ނުވަތަ ޖޫހެއް ތައްޔާރުކޮށްގެން ބޯލާށެވެ. އެގޮތުން ސްޕިނެޗާއި ކިއުކަމްބާ، ބޭބީ ލެޓިއުސް އަދި ކޭލް ފަދަ ބާވަތްތައް އެއްކޮށްލައިގެންވެސް މީރު ބުއިމެއް ތައްޔާރު ކޮށްލެވިދާނެ އެވެ. އަދި ބޭނުން ނަމަ އެއަށް އައިސްކުރީމް ފަދަ ރަހަމީރު އެއްޗެއް އެއްކޮށްލައިގެންވެސް ބޭނުން ކޮށްލެވިދާނެ އެވެ.

ސެލެޑާއި ސޫޕްތައް

އެކި ބާވަތްތަކުގެ ފަތާއި ތަރުކާރީ ބޭނުންކޮށްގެން މީރު ގޮތަކަށް ސެލެޑެއްވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. އެއީވެސް ފެހި ފަތާއި ތަރުކާރީ ފަސޭހައިން މީރުކޮށް ކާލެވިދާނެ ގޮތެކެވެ. ނުވަތަ ފަތާއި ތަރުކާރީ ބޭނުންކޮށްގެން ސޫޕެއްވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. ބޭނުންވާ ހަވާދުގެ ބާވަތްތަކާއެކު ސޫޕް އެއް ތައްޔާރު ކުރުމަކީ މީރު ގޮތަކަށް ފަތާއި ތަރުކާރީ ކެވިދާނެ ގޮތެކެވެ.