މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ އިދިކޮޅުން މިއަދު އިހުތިޖާޖަށް ނުކުންނަން އިއުލާންކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަިއ ބުނީ މިއަދު ހަވީރު އިހްތިޖާޖު ކުރުމަށް ހަމަޖެހިފައިވަނީ މަސްމާރުކޭޓު ކުރިމަތީގައި ކަމަށެވެ. މި ހަރަކާތް އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރު ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.

"ލޭނާރު- ސަރުކާރުން މަސްވެރިންނަށް ކުރާ ޖެއްސުމާ ދެކޮޅަށް" ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިދިކޮޅުން ގޮވާލަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލް ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަރަށް ގިނަ ވައުދުތަކެއް މަސްވެރިންނަށް ވެފައިވާ ކަމަށެވެ.

އެގޮތުން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމުގެ ވައުދުވި ކަމަށާއި ނަމަވެސް މި ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު މަސްވެރި އާއިލާތައް ދަނީ ނިކަމެތިވަމުން ކަމަށް މުހައްމަދު ވިދާޅުވި އެވެ.

މަސްވެރި އާއިލާތައް ނިކަމެތިވަމުންދާއިރު ހިމޭނުން، މަޑުން ތިބެވެން ނެތް ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ގާނޫނުގައި ބުނާ ގޮތުން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިއަދުގެ އިހްތިޖާޖަކީ އެ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.