ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ފުލުހުން ހައްޔަރުކޮށްފި އެވެ.

އޭނާ ވަނީ ސްރީލަންކާއިން ދުބާއީއަށް ގޮސްފަ އެވެ. ނަމަވެސް ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ އޭނާ ސްރީލަންކާއަށް ފޮނުވާލި އެވެ. އަދި އޭނާ އެންމެ ފަހުން ހައްޔަރުކުރީ ރާއްޖެ އައުމުން ކަމަށްވެ އެވެ.

ފުލުހުން ބުނީ އަރުޝަދު ހައްޔަރުކުރީ ހައިކޯޓުގެ އަމުރެއް ތަންފީޒްކުރުމަށްޓަކައި ކަމަށެވެ. އަދި އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވުނެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.