އދ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކޮށްފި އެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގައި މިރޭ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ވަނީ ކުރިމަތިލާފަ އެވެ. އެގޮތުން ރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައެޅިފައިވާ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

ސަތޭކަ އަށްޑިހަ ނުވަ ގައުމަކުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު، ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. އަދި ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.

ސާޅީސް ހަތް މެމްބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ޚިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްޢިއްޔާއަކީ ތަފާތު ޚިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ތިން އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން ދެ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ލިބިގެންނުވެއެވެ. މިރޭ ބޭއްވުނު އިންތިޚާބުގައި އަލަށް ހޮވުނު މެމްބަރު ގައުމުތަކުގެ ދައުރު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ އެކެއްގަ އެވެ.