ހިޔާ ފްލެޓް ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށ ފެން ހޮޅިއަކަށް ގެއްލުން ލިބިގެން ހިޔާ ހަތަރު ޓަވަރަކަށް ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި ތަރައްޤީކޮށްފައިވާ ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދޭ ހޮޅިއަކަށް ގެއްލުންވެ ފެނުގެ ޚިދުމަތަށް ބުރޫ އަރާފައިވަނީ މިއަދު މެންދުރުން ފެށިގެންނެވެ.

ހިޔާ ޓަވަރުތަކަށް ފެން ފޯރުކޯށްދޭ ހޮޅިއަކަށް ގެއްލުންވެ ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށެވެ.

އެޗްޑީސީން ބުނީ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ފެން ކެނޑުމުގެ ސަބަބުން ހިޔާ ފުލެޓުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މާފަށް އެދިފަ އެވެ.

މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީއިން ބުނީ މިހާރު އެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފެނުގެ ހިދުމަތް ކެނޑިފައިވަނީ ހިޔާ ޓަވަރު ތިނެއް، ހަތަރެއް، ހަތެއް އަދި އަށަކަށެވެ.

ފެނުގެ ހިދުމަތް ވީހާވެސް އަވަހަށް ދިނުމަށްޓަކައި މިހާރު އެސަރަހައްދުގައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.