މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ދޫކުރާ ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތު ރޭ ހަމަވިއިރު 35,800 އަށް ވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުސަތު ހުޅުވާލީ ޖޫންމަހުގެ 26 ވަނަ ދުވަހު އެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ ރޭ 12:00 ގަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ދެ ސްކީމަށް ފޯމް ހުށައަޅަން ހުޅުވާލި ސުންގަޑި ހަމަވިއިރު 35،861 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް 15،164 ފޯމު ހުށައަޅާފައިވާ ކަމަށާއި ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް ހުށަހެޅިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޕޯޓަލްއަށް ފޯމް ހުށައަޅާ ހިސާބުން ފެށިގެން ފޯމްތައް އިވެލުއޭޓްވަމުން ދާނެކަމަށާއި، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފައިނަލް ވެރިފިކޭޝަން މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައި ވަނީ 4،000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި، 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅިފަޅުންނެވެ.