ބޮޑުތަކުރުފާނު މަގުގައި ފެން ލީކުވާ ހޮޅިއަކީ ސްޓެލްކޯގެ އައުޓްފްލޯ ހޮޅިއެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ބޮޑުތަކުރުފާނުމަގުގެ އެ ކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރުމަގުގެ މެދުން ފެން އަރަމުންދާކަން ފާހަގަ ކުރެވި، ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލިއިރު، އެ ފެނަކީ މިކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެން ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

"މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީ ކައުންސިލުން މިކަން އަންގާފައިނުވާއިރު، އަދި މި ހުއްދަތައް އަވަސް ކުރުމަށް، މިކުންފުނިން ސިޓީ ކައުންސިލްގެ ކަމާ ގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާ ހަމަޔަށް ވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެ ހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި،" އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް އެ ކުންފުނިން ބޭނުންކުރާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިކުންފުނިން މިގެންދަނީ ކުރަމުން. އަދި އެ ހުއްދަތައް ލިބުމާއެކު، މި މަސައްކަތް ވަގުތުން ފަށައި، އެކަން ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯއިން ބުންޏެވެ.