ވޮޝިންޓަން (22 އޮކްޓޯބަރު) - އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
އުމުރުން 80 އަހަރުވާން ކައިރިވެފައިވާ ބައިޑަން ވިދާޅުވީ ރަސްމީ ގޮތުން އެކަން އަދި އިއުލާން ނުކުރެއްވި ނަމަވެސް އެކަމާމެދު ވިސްނަވާ ކަމަށާއި އެކަމުގައި އަނބިކަނބަލުން ޖިލް ބައިޑަންގެ އެއްބާރުލުން ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މިއީ ފަސް ޖެހިވަޑައިގަންނަވަންވީ ވަގުތު ނޫން ކަމަށާއި ގައުމުގައި އަދިވެސް އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން ޖިލް ބައިޑަން ފާހަގަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދެވަނަ ދައރަކަށް ވާދަ ކުރައްވަން ޝައުގުވެރިވާކަން އެކި ފަހަރު މަތިން ބައިޑަން ހާމަ ކުރައްވާފައިވީ ނަމަވެސް ނިންމުމެއް ނިންމަން މާ އަވަސް ކަމަށް އޭރު އޭނާ އައީ ވިދާޅުވަމުންނެވެ.
ބައިޑަންގެ ނިންމުމުގެ ފަހަތުގައި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުުން ވެސް ދައުރެއް އަދާ ކުރާ ކަމަށް ބުނެވެ އެވެ. ޓްރަމްޕް ވެސް ވަނީ 2024 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އެމެރިކާގައި ދެން ރިޔާސީ އިންތިހާބެއް އޮންނާނީ 2024 ވަނަ އަހަރު އެެވެ. ބައިޑަންގެ މިހާރުގެ ދައުރު ފެށުނީ 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. -- އަލް އަަރަބިއްޔާ