ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކުރުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވުނެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.

އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން އޮތީ އަމުރު ނެރެފަ އެވެ.

އަރުޝަދު ދުބާއީގައި އުޅުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހުގެރޭ ރާއްޖެ އައުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ މައްސަލާގައި ހައިކޯޓަށް ހާޒިރުކުރުމަށެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި ނަމަވެސް ވަގުތު ހަމަވުމުގެ ކުރިން ފުލުހުން ވަނީ އަރުޝަދު ބަންދުން ދޫކޮށްލައިފަ އެވެ.

އެ ގޮތުން އަރުޝަދު ހައިކޯޓަށް ހާޒިރުވެފައި ވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫންކަމަށް ހައިކޯޓުން ބުނެފައިވެ އެވެ. އެހެންވެ ހައިކޯޓުން ނިންމީ އަރުޝަދުގެ ބަންދާމެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަމަވެސް ނިންމީ އަރުޝަދުގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ކަމަށެވެ.

ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.

އަރުޝަދު ބަންދުން ދޫކޮށްލުމަށް ނިންމި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ދައުލަތުން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ވެސް ހުށަހަޅައިފަ އެވެ.