ޗާގޯސް އައިލޭންޑްސް ނޫނީ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ޤައުމުގެ ތަނެއްކަމަށް އެ ގައުމުން ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ ދިވެހި ސަރުކާރަށް އެއްބަސް އެ ވެވެނީ ދިވެހިރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

އެމަނިކުފާނު ވިދާޅުވީ "މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވިރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވެވުނީ" ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއިން މިހާތަނަށް ނަގާފައިވާ ސްޓޭންޑްވަނީ މިހާރު ބަދަލުކޮށްފަ އެވެ. އަދި ޗާގޮސްއަކީ އެތަނުގެ އަސްލު ވަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭނެ ތަނެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

ޗާގޯސް މައްސަލައާއި ގުޅިގެން އިދިކޮޅުން މިއަދު ހުށައެޅި މައްސަލައިގައި އެމްޑީޕީގެ މަދު މެމްބަރަކު ފިޔަވާ އެހެން ހުރިހާ މެމްބަރުންވަނީ ސަރުކާރުން ކަންކުރިގޮތް ކުށްވެރިކޮށް ވާހަކަ ދައްކާފަ އެވެ. ސަރުކާރުގެ ދިފާއުގައި ވާހަކަދެއްކީ މެމްބަރު ރޮޒައިނާ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި އަނދުން ހުސެއިން ފަދަ މަދު މެމްބަރެކެވެ.