ވޮޝިންޓަން (25 އޮކްޓޯބަރު) - އެމެރިކާގެ ކުންފުނިތަކުން ސައޫދީ އަރަބިއާގައި ވިޔަފާރި ކުރަން އެގައުމުގެ ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނާ ހަބަރުތައް ވައިޓް ހައުސްއިން ދޮގުކޮށްފި އެވެ.

ވައިޓް ހައުސްއިން މިކަން ދޮގުކޮށްފައި މިވަނީ މި ހަފްތާ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ސައޫދީ އަރަބިއާގެ ވިޔަފާރި މައުރަޒެއް ކަމަށްވާ "ޑާވޯސް އިން ޑެޒާޓް" މައުރަޒުގައި އެެމެރިކާގެ ކުންފުނިތަކުން ބައިވެރިވާން އެގައުމުގެ ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ޙަބަރުތައް ފެތުރިފައި ވަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން މިކަމަށް ހުރަސް އަޅަނީ އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ކުރަން ނިންމި ނިންމުމަށް ގޮން ޖެހުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް އެމެރިކާ ސަރުކާރުން ވަނީ މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އެ ރިޕޯޓުތައް ދޮގު ކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ މައުރަޒުގައި ބައިވެރިވުމާއި ނުވުމަކީ ވިޔަފާރިތަކުގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެ ކަމަށް ލަފާ ކުރެވޭއިރު އެމެރިކާއިން ވަނީ މިކަމާ ގުޅިގެން ސައޫދީ އަރަބިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅަން ފަށާފަ އެވެ.

ސައޫދީ އަރަބިއާގައި މިހާރުވެސް އެމެރިކާގެ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ އައުޓްލެޓުތައް ހިންގަމުންދެ އެވެ. -- އަލް އަރަބިއްޔާ