ލަންޑަން ( 26 އޮކްޓޯބަރު) - އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ލިޒް ޓްރޫސްގެ ބޮޑުވަޒީރު ކަމުގައި ހެދިފައިވާ ގޯސްތައް ރަނގަޅު ކުރާނެ ކަމަށް އަލަށް އިންތިހާބުވި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެ އެވެ.

ސުނަކް މިހެން ވިދާޅުވެފައިވަނީ ބޮޑުވަޒީރުކަމާ ރަސްމީކޮށް ހަވާލުވެ ދެއްކެވި ވާހަކަފުޅުގަ އެވެ. ސުނަކްއަށް ބޮޑުވަޒީރުކަން ހަވާލު ކުރެއްވީ އެކަަމަށްޓަކައި ބަކިންހަމް ޕެލެސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޗާލްސް ރަސްގެފާނެވެ.

ސުނަކް އިތުރަށް ވިދާޅުވީ މިވަގުތު އިނގިރޭސި ވިލާތް އޮތީ އިގްތިސާދީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެކަން އެގޮތަށް މެދުވެރިވި މާޒީގައި ހެދިފައިވާ ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން މާލީ ވަޒީރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ސުނަކް ވަނީ ކޮވިޑް 19ގެ ދަތި ހާލަތުގައި ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވަން ގެންގުޅުއްވި ތަޖުރިބާ މި ހާލަތުގައި ވެސް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ސުނަކްއަށް ކުރިއަށް އޮތީ ގޮންޖެހުންތައް ގިނަ ދުވަސްތަކެކެވެ. ޓްރޫސްގެ ބޮޑުވަޒީރުކަމުގައި އެޅުއްވި ފިޔަވަޅުތަކުގެ ލޮޅުން އެގައުމުގެ އިގްތިސާދަށް އައިސްފައިވާއިރު އެކަމުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ސުނަކްއަކީ ތިން މަސް ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތް ދުށް ތިންވަނަ ބޮޑުވަޒީރެވެ. އޭނާއަކީ އިނގިރޭސި ވިލާތުގެ ދިގު މާޒީގައ އުމުރުން 42 އަހަރުގައި ބޮޑުވަޒީރުކަމާ ހަވާލުވި އެންމެ ހަގު ބޭފުޅާ އެވެ. އެއާއެކު އޭނާއަކީ އޭޝިއާ ނަސްލަށް ނިސްބަތްވާ އެންމެ ފުރަތަމަ އިނގިރޭސި ބޮޑުވަޒީރު ވެސްމެ އެވެ.