ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮޓީންގެ މިންވަރު އިތުރުކުރުމަކީ ފަސޭހައިން ހިކޭނެ ކަމެކެވެ. އެކަމަކު ޕްރޮޓީންގެ މިންވަރު ކެއުމުގައި މަތިކުރުމަކީ ސިއްހީ ގޮތުން ބަލާއިރު ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

ބައެއް ސައިންސްވެރިންގެ ހިޔާލު މިކަމުގައި ތަފާތެވެ. ތަޖުރިބާކާރުން ބުނަނީ ޕްރޮޓީންގެ މިންވަރު ޑައެޓުގައި ގިނަކުރުމަކީ ކެންސަރާއި ހަކުރު ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެއް ކަމަށެވެ. އަދި ދެބައި އުމުރަށް ނުދަނީސް ފުރާނަ އަށް ގެއްލުންވާ ވަރުގެ ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހައި ފައިބާގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ މަދުކުރުމަކީ ހަޖަމުގެ ނިޒާމަށް ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އެހެންކަމުން، ޕްރޮޓީން ބޭނުންކުރެވޭ މިންވަރާ މެދު ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ޕްރޮޓީން ހަށިގަނޑަށް އެއްގޮތަކަށް ވެސް ބޭނުން ނުވަނީކީއެއް ނޫނެވެ. އެއީ ވަަރަށް މުހިއްމު މާއްދާއެކެވެ. ހަގީގަތަކާ އިންސާނާ ދުޅަހެޔޮކޮށް ގަދަވެ ސަލާމަތުން ބެހެއްޓުމުގައި ޕްރޮޓީންއަކީ މުހިއްމު ރޯލެއް އަދާކުރާ މާއްދާއެއް ކަމެވެ. ވަކިން ހާއްސަކޮށް ހަށިގަނޑު ހެދިބޮޑުވުމުގަ އާއި ލިބޭ ގެއްލުތަކަށް ފަރުވާކުރުމަށް ޕްރޮޓީން މުހިއްމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ޕްރޮޓީން ނަގާއިރު ނަގަން ޖެހޭނީ ހަށިގަނޑުގެ ބަރުދަނަށް ވާ ކޮންމެ ކިލޯއަކަށް 0.75 ގްރާމްގެ ޕްރޮޓީންގެ ރޭޓުންނެވެ. މާނަ އަކީ މިސާލަކަށް ބަރުދަނުގައި 70 ކިލޯގްރާމް ހުރެއްޖެ ނަމަ އެމީހަކަށް ދުވާލެއްގެ މައްޗަށް ބޭނުންވާނީ 52.5 ގްރާމްގެ ޕްރޮޓީން އެވެ.

އާންމުކޮށް، ފިރިހެނަކަށް ދުވާލެއްގެ މައްޗަށް، މަދުވެގެން 55 ގްރާމްގެ ޕްރޮޓީން ބޭނުންވާ ކަމަށް ތަޖުރިބާކާރުން ލަފާދޭއިރު އަންހެނުންނަށް 45 ގްރާމްގެ ޕްރޮޓީން ފުދޭ އެބޭފުޅުން ކަމަށް ލަފާ ދީފައިވެ އެވެ.

ދިވެހންގެ ކެއުމަކީ ކަނޑުމަހަށް ބަރޯސާވެފައި އޮތް ކެއުމަކަށް ވާއިރު ކެއިންބުއިމުގައި ޕްރޮޓީން ބޭނުން ކުރުން ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހެ އެވެ.