ދެބައި އުމުރަށް ނުދަނީސް ބުރަކަށީގައި ރިއްސަން ފަށަ އެވެ. އެއް ތަނެއްގައި ގިނައިރު އިންނަން ނުކެރޭ ވަރުވެ އެވެ. މިއީ މިއަދު ގިނަ ޒުވާނުންގެ ޝަކުވާ އެކެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟

އުމުރުން ދުވަސް ނުވަނީސް ބުރަކަށީގައި ރިއްސަން ފަށަން މައިގަނޑު އެއް ސަބަބަކީ ސްމާޓް ފޯނު ބޭނުންކުރާ މިންވަރު އިތުރު ވުމެވެ. ދުވާލެއްގެ އެތައް ގަޑިއިރަކު ކަރު ދަމައިގެން ސްމާޓް ފޯނަށް ބަލަހައްޓައިގެން އިނުމުގެ ނަތީޖާއަކަށްވަނީ ކަނދުރާ އަށާއި ކޮނޑަށް ޕްރެޝަރު ބޮޑުވެ ކަނދުރާގެ މަސްތައް ހަރު ވުމެވެ. އަދި އުމުރުން 40 އަހަރުގެ މީހެއްގެ މައިބަދައާ އެއްވަރަށް މައިބަދަ ބަލިކަށި ވުމެވެ.

ހަމައެއާއެކު ވަޒީފާގައި ގިނަ ވަަގުތު ހޭދަކުރުމަކީ ވެަސް ބުރަކަށީގެ ރިއްސުމަށް މަގުފަހި ކުރުވާ ކަމެކެެވެ. ދުވާލަކު 8 ގޑިއިރު ގޮނޑިއެއްގައި ގުޑާނުލައި އިނުމަކީ ބުރަކަށްޓަށް ބާރުބޮޑުވާ ކަމެކެވެ. ބުރަކަށީގައި ގުދުލާ ކަމެކެވެ. އެހެން ކަމުން ލިބޭ ހުސް ވަގުތުތަކުގައި ގޮނޑިން ތެދުވެ ހަށިގަނޑު ދަމާލުމަކީ މުހިއްމު ކަމެކެވެ.

މީގެ އިތުރުން ވެސް ތަޖުރިބާކާރެއްގެ އެހީއާނުލާ ކަސްރަތު ކުރުމަކީ ވެސް މިކަަމުގެ ސަބަބަކަށް ވެދާނެ އެވެ. އަތާއި ފައި އަދި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް ކަސްރަތު ދޭން ޖެހޭ ވަކި ގޮތްތަކެއް ހުރެ އެވެ. އެ ގޮތްތައް ދަސްކޮށްގެން އެގޮތަށް ކަންތައް ނުކުރާނަމަ ބުރަކައްޓަށް އަނިޔާވެ ބުރަކަށީގައި ރިއްސަން ފެށުމަކީ ގާތް ކަމެކެވެ.

ބުރަކަށިގައި ރިއްސުމާ ނިދާ ގޮދަޑި އާ ވެސް ގުޅުމެއް އޮވެދާނެ އެވެ. އެމީހެއްގެ ހަށިގަނޑާ ނުގުޅޭ ގޮދަޑިއެއްގައި ނިދާނަމަ ބުރަކަށީގައި ރިއްސަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މާ ހަރު ނުވަތަ މާ މަޑު ގޮދަޑިއެއްވެސް ބުރަކަށްޓަށް ގޯހެވެ.

އެހެން ކަމުން އުމުރުގެ ކުރިން ބުރަކަށީގައި ރިހުން ބޮޑުވާނަމަ މިކަންކަމަށް ސަމާލުވެ އިސްލާހު ކުރުން ވަރަށް މުހިއްމެވެ.