ކުރަން ހުރި ކަންތައް ގިނަ ކަމުން އިތުރު ވަގުތުކޮޅަކަށް މަޑުކޮށްލެވެ އެވެ. މަސައްކަތްތައް ނިންމާލާފައި ހަމަޖެހިގެން ދިއުމަށެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ މީހުން ކުޑަކަމުދާން ޖެހުމުން އަމަލުކުރާ ގޮތެވެ. އެހެން ނަމަވެސް މިއީ ކިހާ ނުރައްކާތެރި ކަމެއްކަމާމެދު ވިސްނާލަނީ މަދު ބައެކެވެ.

އިންސާނާގެ ކުޑަކަމުދާ ނިޒާމުގައި ހިމެނޭ މުހިއްމު އެއް ގުނަވަނަކީ ބްލެޑާ އެވެ. މިގޮތަށް ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުމަކީ ބްލެޑާއަށް ބާރުބޮޑުވެ އެ ގުނަވަނަށް ގެއްލުންވާ ކަމެކެވެ.

އެގޮތުން ކުޑަކަމު ނުގޮސް ގިނައިރު މަޑުކުރާ ނަމަ ބްލެޑާއާއި ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އުފެދި ޔޫރިން އިންފެކްޝަނަށް މަގުފަހިވެ އެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައި މިއީ ވަރަށް އާއްމު ހާލަތެކެވެ.

ކުޑަކަމުދާ ހޮޅި ރަނގަޅަށް ސާފުނުވެ ގިނައިރުވުމުގެ ނަތީޖާއަކަށްވަނީ ދިގު މުއްދަތުގެ ނުރައްކާތަކާ ކުރިމަތިލާން ޖެހުމެވެ. އޭގެ ތެރޭގައި ބްލެޑާ ކެންސަރާއި ކިޑްނީ ބަލި ފަދަ ބަލިތައް ހިމެނެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކުޑަކަމު ނުގޮސް ހިފެހެއްޓުމަކީ ހަމައެކަނި ކުޑަކަމުދާ ނިޒާމަށް ގެއްލުންވާ ކަމެއް ނޫނެވެ. އޭގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމަށް ވެސް މިކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ހޯދިފައިވެ އެވެ.

އެހެން ކަމުުން ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ކުޑަކަމުދާން ޖެހޭ ކަމަށް ސިކުނޑިން ދޭ ސިގްނަލްތަކަށް ފަރުވާކުޑަ ނުކުރާށެވެ. ފަހުން ވާ ގެއްލުން މާ ބޮޑުވެދާނެ އެވެ.