ވިހެއުމާ ގުޅިގެން ގިނަ އަންހެނުންގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އާދެ އެވެ. މިއީ އެންމެ ގިނަ އަންހެނުން ވިހެއުމަށްފަހު ކަންބޮޑުވާ ވެސް އެއްކަންތަކެވެ. ކިތަންމެ ބަލައިގެން އުޅެން މަސައްކަތް ކުރިނަމަ ވެސް ގިނަފަހަރު އޮންނަނީ އެކަން ނުވެފަ އެވެ.

ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި އަންހެނުންގެ ބަރުދަން އިތުރުވަނީ މާބަނޑުވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނެއް ނޫނެވެ. ވިހެއުމަށްފަހު ދިރިއުޅުމަށް ނުވަތަ ލައިފް ސްޓައިލަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ކިތަންމެ ސިއްހަތަށް ފައިދާހުރި ޑައިޓެއްގައި އުޅެން ހިތު ނިޔަތްގަނެގެން ހުރި ނަމަވެސް، އަތުޖެހޭ ކޮންމެ އެއްޗެއް ކެވެ އެވެ އަދި ދަރިންނަށް ކާންދޭން ގިނައިރު ތަކެއް ވަންދެން ގިނަ މައިން އިށީންދެ ތިބޭއިރު ދަރިން ނުކައި ބާކީވާ ބައި ކެއުމަކީ ވެސް ފަލަވާން ދިމާވާ ސަބަބެއް ކަމަށްވެ އެވެ.

މީގެ އިތުރުން ދަރިއަކު ލިބުމާއި ގުޅިގެން އަންހެނުންގެ ނިދުމުގެ ގަޑިތަކަށް ވެސް ބޮޑެތި ބަދަލު ތަކެއް އާދެ އެވެ. މިއީ ވެސް ފަލަވާން މެދުވެރިވާ ސަބަބުތަކެވެ.

ޔޫއެސްގެ ޔުނިވަސިޓީ އޮފް މިޗިގަން އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ އޮލްގާ ޔަކްޝިވާ ވިދާޅުވާ ގޮތުގައި، މަންމައިންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ނަފްސަށްވުރެ ދަރިންނަށް އިސްކަންދޭ ބައެކެވެ. އަދި މީގެ ސަބަބުން ކަސްރަތު ނުކޮށް، އަދި މައިން އެމީހުންގެ އަމިއްލަ ހަށިގަނޑަށް ދޭ ސަމާލުކަން ކުޑަވެ އެވެ.

އެ ދިރާސާގައި އެއް ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ވިހާފައި ތިބި ތިރީސް ހާސް އަންހެނުން ބައިވެރިކޮށްފައިވެ އެވެ. އަދި ވިހެއުމަށްފަހު އެމީހުން ބަރުދަން އިތުރުވަމުން އައި ގޮތާއި ދަރިން ވަކިވަރަކަށް ބޮޑުވާއިރު މައިންގެ ބަރުދަން އިތުރުވާ ވަރު ބަލާފައިވެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ އަންހެނުން ބަރުދަން ލުއިކޮށް ރީތި ހަށިގަނޑަކަށް އަނބުރާ ދާން ބޭނުންވާނަމަ ކެލޮރީ މަދުކޮށް، ގަވައިދުން ކަސްރަތުކޮށް ހެލިފެލިވުން އިތުރުކުރަން ޖެހެ އެވެ.

މީގެއިތުރުން ވެސް މީހާގެ ލައިފްސްޓައިލް ވީހާވެސް ބޮޑަށް "ހެލްތީ" ލައިފް ސްޓައިލަކަށް ބަދަލު ކުރަންޖެހެ އެވެ. ހާއްސަކޮށް ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުކަން ދޭންޖެހެ އެވެ.