މައްސަރު ދުވަސްވަރަކީ ގިނަ އަންހެނުންނަށް ވަރަށް ވޭންހުރި ދުވަސްވަރެކެވެ. ދަށްބަނޑުގައި ރިއްސާތީ ދެތިން ދުވަސް ވަންދެން ތެދުވެ ނޫޅެެވޭ އަންހެނުން ވެސް އުޅެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މައްސަރު ދުވަސްވަރުގެ ރިހުންތަކަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ތަކަށެވެ.

ޗޮކުލެޓް، ދޮންކެޔޮ، ވޯލް ނަޓް

ޗޮކުލެޓު ކެއުމުންވެސް ބަނޑުގައި ރިހުން ލުއި ކޮށްދެ އެވެ. އެހެން ނަމަވެސް މާގިނައިން ޗޮކުލެޓް ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާވުމަށްވުރެ ގެއްލުން ބޮޑުވާ ކަމެކެވެ. ދޮންކެޔޮ އަދި ވޯލް ނަޓަކީ ވިޓަމިން ބީ6 ހިމެނޭ ކާނާއެއް ކަމުން ރިހުން މަޑުކޮށް އިންޕެކްޝަން އުފެދުމުން ދުރުކޮށްދެ އެވެ.

ކަދުރު

ވަރުބަލި ވުމަކީ ވެސް އާންމުކޮށް މި ދުވަސް ވަރު ދިމާވާ ކަމެކެވެ. ގައިގައި ވަރުޖެއްސުމަށް އެންމެ ރަގަނޅު އެއް މޭވާ އަކީ ކަދުރެވެ. ހާއްސަކޮށް ރަތް ކަދުރެވެ. އޭގެ އިތުރުން ލޭމަދުވުމުން ވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވެސް ކަދުރު ބޭނުން ކުރެވިދާނެ އެވެ.

އިނގުރު ސައި

އިނގުރު ސަޔަކީ އެކި ގޮތްގޮތަށް ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެއްޗެކެވެ. މައްސަރު ދުވަސްވަރު އިނގުރު ސައި ބޭނުން ކުރާއިރު ކިރު އަދި މާމުއި އެއްކުރާށެވެ. މާމުއާއި ކިރުގެ ސަބަބުން ރިހުން ފިލުވައިދެ އެވެ. އެއާއެކު އިނގުރު ބޭނުން ކުރުމުން ލޭ ދައުރު ކުރުމަށް ފަސޭހަ ވެގެންދެ އެވެ.