މި ސަރުކާރުން އަޅާ ފްލެޓްތައް އަންނަ އަހަރުގެ މޭމަހުން ފަށައިގެން ހަވާލުކުރަން ފެށޭވަރުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފި އެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫޢުއަކީ "ގެދޮރުވެރިޔާ ސްކީމް"ގެ 4000 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށްގެންދަން މި ސަރުކާރުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްވާފަ އެވެ. އެ ކުންފުނީގެ އިތުރުން އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.

އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ހިމެނެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްގީކުރާ 2000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.

އެ މަޝްރޫއުގައި ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓު ހިމެނެ އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާސް އަޙުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތްތައް ނިމެމުންދާކަމަށެވެ.

"ޖޭއެމްސީ ޕްރޮޖެކްޓްގެ 16 ޕަސެންޓް ނިމިއްޖެ. އެންބީސީސީގެ މަސައްކަތް 13.5 ޕަސެންޓް ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ، މުޅި ޕްރޮޖެކްޓް 2024އަށް ނިމޭނެ،" ޝަމޫލް ވިދާޅުވި އެވެ.