މިސްރުގެ ޝަރްމުއް ޝައިޚްގައި ބާއްވާ އދ. ގެ 2022 ވަނަ އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ކޮންފަރެންސްގައި ގައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް 27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމައާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ.

ކޮޕް 27 އިންތިޒާމު ކުރަނީ މިސްރު ސަރުކާރުންނެވެ.

މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާ ގޮތެއްގައި މާލީކަންކަން ފަހިކުރުން ފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓްގައި ދުނިޔޭގެ އެތައް ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، އާންމު ފަރާތްތަކުން ބައިވެރިވެ އެވެ.