ވޮޝިންޓަން (05 ނޮވެމްބަރު) - އެމެރިކާއިން އީރާނުގެ ދާޚިލީ މަޝްރަހުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ފަދަ ބީދައަކުން އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވާހަކަ ދައްކަވައިފި އެވެ.

ކެލިފޯނިއާގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އީރާނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

"ކަންބޮޑުވާނެ ކަމެއް ނެތް. ވަރަށް އަވަހަށް އީރާން މިނިވަން ވާނެ،" އީރާނުގައި މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކަށް ތާއީދުކޮށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ މި ވާހަކަފުޅުތަކާ ގުޅިގެން އެމެރިކާއިން އީރާނުގެ މަޝްރަހުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ބައިޑަންއަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް އިބްރީހިމް ރައީސީ ވިދާޅުވީ އީރާނު ވަނީ މީގެ 43 އަހަރު ކުރިން މިނިވަން ވެފައި ކަމަށާއި ދެން އެއްވެސް ބައެއްގެ އަޅުވެތި ކަަމަށް އީރާނުން ނުދާނެ ކަމަށެވެ.

މި ރިޕޯޓުތަކާއެކު ވައިޓް ހައުސްއިން ބުނީ އީރާނުގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ބައިޑަންގެ ވާހަކަފުޅަކީ އީރާނުގައި އިންސާނީ ހައްގުތަކަށްޓަކައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

މިދިޔަ މަހު ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އީރާނުގެ މަހްސާ އަމީނީގެ މަރާއެކު އީރާނުގެ މަޝްރަހު ހޫނުވެފައިވާއިރު ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ ގިނަ ބަޔަކަށް ވަނީ އަނިޔާވެސް ވެފަ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި އީރީާނުން ރަޝިއާއަށް އައްބާރުލުން ދޭ ކަމުގެ ތުހުމަތާއެކު އެމެރިކާއާއި އީރާނުގެ ގުޅުންތަކަށް ހީނަރުކަން އައިސްފައިވާއިރު އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއާއި ހުޅަނގުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. -- އަލް އަރަބިއްޔާ